ހުޅުމާލެ ޕޮލިސްގެ 2027 ވަނަ އަހަރުގެ ރޭވުންތައް ކަނޑައަޅާ ފޯރަމް ފަށައިފި

ހުޅުމާލެ ޕޮލިހުން 2027 ވަނަ އަހަރަށް އިސްކަންދޭ ދާއިރާތައް ކަނޑައަޅައި، އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަގުސަދުގައި ބާއްވާ "ހުޅުމާލެ ޕޮލިސް ފޯރަމް 2026" މިއަދު ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް އެމް.ޑަބްލިއު.އެސް.ސީ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝަމީމެވެ. ފޯރަމްގައި ހުޅުމާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲއާއި، ހާއްސަ ދައުވަތު އެރުވިގެން ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ހުޅުމާލެ ޕޮލިސްގެ މުވައްޒަފުން ބައިވެރިވިއެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އާސިމް ވިދާޅުވީ، މި ފޯރަމަކީ 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލައި، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާ، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ފުލުހުންގެ ހިދުމަތް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

ކޮންމެ ޑިޕާޓްމަންޓަކާއި ޔުނިޓަކުން އިސްކަންދޭންވީ ކަންކަމާއި ޒިންމާތައް ސާފުކޮށް ބަޔާންކޮށްދިނުމަކީ ވެސް މި ފޯރަމްގެ މުހިންމު ބޭނުމެއް ކަމަށާއި، 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް އެކުލަވާލަންވާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާސިމް ވިދާޅުވީ، އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކަށް ބަލައި، ކުށްމަދުކުރުމާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހޭނެ ކަމަށެވެ. އަދި ކަލަންޑަރުގައި ހިމެނޭ ކޮންމެ ކަމެއް ހިނގާ ގޮތް ބަލައި، ލިބޭ ނަތީޖާ ވަޒަންކުރުމުގެ ސާފު ނިޒާމެއް އޮންނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް