ޝާހިދު 30 ދުވަހަށް ބަންދުކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

ޝާހިދުގެ ފަރާތުން ކުރި އިސްތިއުނާފުގެ ހުކުމް މިއަދު އިއްވީ ވެސް ސިއްރުކޮށްގެންނެވެ. ހައިކޯޓުގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި، ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، އެ އަމުރަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ޝާހިދު ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭ، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. ދެން އައި ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ މުއްދަތު ހަމަވާނީ ޑިސެމްބަރު 3 ގައެވެ.

އެ އަމުރާ މެދު ޝާހިދުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފު ހުށަހަޅާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އަޑުއެހުން މި މަހުގެ 17 ވަނަ ދުވަހު ސިއްރުކޮށްގެން ބާއްވައި، އެ ދުވަހު ވެސް ނިންމާލިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ރިޔާސަތު ވެސް ކުރައްވާފައިވާ ޝާހިދަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާކަން އިޢުލާންކުރައްވާފައިވާ ބޭފުޅެކެވެ.

ހައްޔަރުކުރުމުގެ ކުރިން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ، ސިޔާސީ ގޮތުން އޭނާގެ ޝަޚްސު ކަތިލުމަށް ފަތުރަމުންދާ މި ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ހާމަކޮށްފައިވަނީ މި މައްސަލައިގެ ތެރެއަށް ސިޔާސީ އެއްވެސް ނުފޫޒެއް ނުވަންނާނެ ކަމަށާއި، ތަޙުޤީޤު ކުރިއަށްދާނީ ޤާނޫނީ ހަމަތަކުގެ މަތިން މިނިވަންކަމާއެކު ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް