ރިއަލް އެސްޓޭޓް ވިޔަފާރީގެ ގާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދުމަށް، މަޖިލީހުގެ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ތާއީދުކުރެއްވި މި ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ބިލަށް ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރެވެ. ނަމަވެސް އެ ދުވަހު އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދު ނުކުރެއްވުމުން، ހުށަހެޅުން ވޯޓަކަށް ނާހައެވެ.
މިއަދުގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މައިނޯރިޓީއަށް ވެސް އިހުތިރާމްކޮށްގެން ކަމަށާއި، އެހެންވެ ސަމީރު ހުށަހެޅުއްވި ގޮތަށް ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ޕާޓީތަކާއި ޖަމިއްޔާތަކުން މަޖިލީހަށް ލިޔުމުން ފޮނުވަންޖެހޭނީ ބިލަށް ހުށަހަޅާ ހިޔާލެއް ނޫނެވެ. އޭގެ ބަދަލުގައި، ބިލާ ބެހޭގޮތުން ހިޔާލު ފާޅުކުރަން ބޭނުންވާ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް، ސީދާ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދޭނެއެވެ.
މީގެ އިތުރުން، ބިލާ ގުޅުންހުރި މުއައްސަސާތަކުން ލިޔުމުން ހިޔާލު ހޯދުމަށް ބުރާސްފަތި ދުވަހު ކޮމިޓީން ނިންމި ނިންމުން ވެސް މިއަދު ބަދަލުކޮށް، އެ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ބިލުގައިވާ ކަންކަމާ ބެހޭގޮތުން މެންބަރުންނަށް ސުވާލުކުރުމަށް ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ފަދަ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރާނެއެވެ.
ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 2 ގެ ނިޔަލަށް ހުޅުވާލަން ކޮމިޓީން ކުރިން ވަނީ ނިންމާފައެވެ.





