ހއ. ވަށަފަރު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައިފި

ހއ. ވަށަފަރުގެ ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޚިދުމަތްތައް ފުޅާކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދިޔަ، ވަށަފަރު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. މަޝްރޫއުގެ ފައުންޑޭޝަން މަސައްކަތްތަކާއި ސްޓްރަކްޗަރަލް އަދި ފިނިޝިން މަސައްކަތްތައް ވަނީ ނިންމާލެވިފައެވެ.

މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގައި އެނދުމަތިކޮށް ފަރުވާދެވޭނެ ވޯޑުތަކާއި ޒަމާނީ ލެބޯޓްރީއެއް ގާއިމުކޮށްފައިވާއިރު، ސްޓޯރ ރޫމް ވެސް ތަރައްގީކޮށްފައިވެއެވެ. އަދި ކުއްލި ހާލަތްތަކުގައި ފަރުވާދޭނެ އިމަޖެންސީ ރޫމަކާއި ނާސަސް ސްޓޭޝަނެއް ވެސް މަރުކަޒުގައި ހިމެނެއެވެ.

މި މަޝްރޫއުގެ ތެރެއިން ގާއިމުކުރި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މާޗު 2026 ގައެވެ. މި ޚިދުމަތް ފެށުމާއެކު، އަސާސީ ޓެސްޓުތައް ހެދުމަށް ވަށަފަރުގެ ރައްޔިތުން ކައިރި ރަށްރަށަށް ނުވަތަ މާލެއަށް ދަތުރުކުރަންޖެހުމުގެ މައްސަލައަށް ވަނީ ހައްލެއް ލިބިފައެވެ.

ވަށަފަރު ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް 2023 ވަނަ އަހަރު ވެސް އެކްސްޓެންޝަން އިމާރާތެއް އަޅައި، ޕަބްލިކް ހެލްތު ޔުނިޓަކާއި އިދާރީ އޮފީހާއި، މެޑިކަލް ސްޓޯރ އަދި ލޯންޑްރީ ރޫމެއް ވަނީ ގާއިމުކޮށްފައެވެ.

ނިންމާލި މި އިމާރާތުން ރަސްމީކޮށް ޚިދުމަތް ދޭން ފެށުމުން، ވަށަފަރުގެ ރައްޔިތުންނަށާއި ކައިރި ރަށްރަށުން ސިއްހީ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް