މާލެ، ކުޅުދުއްފުށި އަދި ފުނަދޫގައި ސިއްހަތަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެއްޖެ

މާލެ ސިޓީއާއި ކުޅުދުއްފުށި ސިޓީ އަދި ށ. ފުނަދޫގައި ވައިގެ ނުސާފުކަން މިއަދު ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް މަތިވެއްޖެއެވެ.

ވައިގެ ފެންވަރު ބަލާ އައިކިއުއެއާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ތިން ރަށުގައި ވެސް އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ވަނީ 160 އިން މައްޗަށް އަރާފައެވެ. ޔޫއެސް އޭކިއުއައި މިންގަނޑުގައިވާ ގޮތުން، 151 އިން 200 އާ ދެމެދުގެ އަދަދުތަކަކީ ސިއްހަތަށް ނުރައްކާތެރި މިންވަރެކެވެ.

މިއަދު މެންދުރު 12:00 ގައި ރެކޯޑުކުރި އަދަދުތަކުން ދައްކާ ގޮތުގައި، ކުޅުދުއްފުށީގައި އަދި ފުނަދޫގައި ވައިގެ ތެރޭގައި ހުންނަ ކުދި ރަޒާ ނުވަތަ ޕީއެމް2.5 ގެ މިންވަރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 71 މައިކްރޯގްރާމްގައެވެ. މާލޭގައި ޕީއެމް2.5 ހުރީ 70 މައިކްރޯގްރާމްގައެވެ.

ކުޑަހުވަދޫގެ އޭކިއުއައި ހުރީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރައްކާތެރި މިންވަރެއް ކަމަށްވާ 124 ގައި ކަމަށާއި، ލ. ފޮނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިތަދޫގައި ވައިގެ ފެންވަރު ހުރީ މެދުމިނުގެ ދަރަޖައެއްގައި ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވައި ނުސާފުވުމުގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ފަސް ދުވަހު ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިންޒާރުދީފައެވެ. އަދި ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގައި ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ވައި ނުސާފުވާ ވަގުތުތަކުގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން ބޭރުގައި ގިނަ ވަގުތު ހޭދަކުރުމާއި ބުރަ ހަރަކާތްތައް ކުރުން މަދުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

އަވަށްޓެރި ސްރީލަންކާއާއި އިންޑިއާގައި ވެސް ވައި ތަޣައްޔަރުވުމުގެ ހާލަތު ވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް