ރާއްޖޭގައި ކުރިން ދުވަހަކުވެސް ރެކޯޑުކުރެވިފައި ނުވާ ދޫންޏެއް މުލިން ފެނިއްޖެ

ދިވެހިރާއްޖޭގައި މީގެ ކުރިން ދުވަހަކުވެސް ރެކޯޑުކުރެވިފައި ނުވާ، ފަރުބަދަމަތީ ސަރަހައްދުތަކަށް ޚާއްޞަ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތްރަޝް" މ. މުލިން ފެނި، ރަސްމީކޮށް ރެކޯޑުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ދާދި ފަހުން ނެރުނު ސައިންޓިފިކް ރިޕޯޓެއްގައެވެ. މި ދޫނި ފެނިފައިވަނީ ތިމާވެށީގެ ގޮތުން ޚާއްޞަ އަދި ހިމާޔަތްކުރަންޖެހޭ ސަރަހައްދުތައް ދެނެގަތުމަށް، އެ އޮތޯރިޓީގެ ޓީމަކުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު 26 އިން 30 އަށް މުލަކަތޮޅުގައި ކުރިއަށްގެންދިޔަ ސާވޭއެއްގެ ތެރެއިންނެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބާވަތުގެ ދެ ދޫނި ފުރަތަމަ ފެނުނީ 29 އޮކްޓޯބަރު 2024 ގެ ހެނދުނު، މުލީގެ ދަނޑުބިންތައް ހިމެނޭ ސަރަހައްދަކުންނެވެ. އޭގެ ފޮޓޯ ނަގާފައިވަނީ އެ އޮތޯރިޓީގެ ހުސައިން ޝުފްރާންއެވެ. ޖެހިގެން އައި ދުވަހު ވެސް ހަމަ އެ ސަރަހައްދުން މި ދޫނިތައް ފެނި، އިތުރު ފޮޓޯތައް ނަގާފައިވެއެވެ.

ބައިނަލްއަޤުވާމީ ދޫނީގެ ދަފްތަރުތައް ކަމަށްވާ "އެވިބޭސް" އަދި "އީބާޑް" ގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މިއީ ރާއްޖެއިން މި ބާވަތުގެ ދޫންޏެއް ރެކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ. ރާއްޖެއިން މުޅިން އަލަށް ފެނުނު ދޫންޏަކަށް ވާތީ، މި ދޫންޏަށް އަދި ދިވެހި ނަމެއް ކަނޑައެޅިފައެއް ނުވެއެވެ.

އާންމުކޮށް ޔޫރަޕް، މެދުތެރޭ އޭޝިއާ، އެފްރިކާ އަދި ޗައިނާގެ ފަރުބަދަމަތީ ހިސާބުތަކުގައި އުޅޭ މި ދޫންޏަކީ މޫސުމީ ގޮތުން ހިޖުރަކުރާ ދޫންޏެކެވެ. އިންޑިއާގެ އުތުރުން މި ދޫނި ފެނުނު ނަމަވެސް، ދެކުނުގެ ހިސާބުތަކުން މީގެ ކުރިން ފެނިފައިވަނީ ވަރަށް މަދުންނެވެ.

ރާއްޖެއަކީ ދޫނިތައް ހިޖުރަކުރާ "ސެންޓްރަލް އޭޝިއަން ފްލައިވޭ" ގައި ހިމެނޭ މުހިންމު މަންޒިލަކަށް ވާތީ، މޫސުމަށް އަންނަ ބަދަލުތަކާއި މަގުއޮޅުމުގެ ސަބަބުން މިފަދަ އާ ދޫނިތައް ރާއްޖެއަށް އައުން އެކަށީގެންވާ ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ. އަދި މި ހޯދުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދޫނި ހިޖުރަކުރާ މަގުތައް ދެނެގަތުމަށާއި، ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަން ދިރާސާކުރުމަށް މުހިންމު މައުލޫމާތު ލިބޭނެ ކަމަށް ވެސް އޮތޯރިޓީން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް