ޕާކިސްތާނުގެ އާ ސަފީރަކަށް ކަނޑުގެ ސިފައިންގެ ރިޓަޔާޑް ވައިސް އެޑްމިރަލް ބިލްގްރާމީ ކަނޑައަޅައިފި

ރާއްޖެއަށް ކަނޑައަޅާ ޕާކިސްތާނުގެ އާ ސަފީރަކަށް، އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ވައިސް އެޑްމިރަލްގެ މަޤާމުން ރިޓަޔާކުރެއްވި އުވައިސް އަޙްމަދު ބިލްގްރާމީ ކަނޑައަޅައިފިއެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ އޮފީހުން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، ސަފީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ބިލްގްރާމީ ވަނީ ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު "އީވާން-އޭ-ސަދްރު"ގައި ރައީސް ޒަރުދާރީއާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ޒަރުދާރީ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެވުނު ފަހުމުނާމާތަކުން ނަތީޖާ ނެރުމަށް މަސައްކަތްކުރެއްވުމަށް އާ ސަފީރަށް އިރުޝާދު ދެއްވާފައެވެ.

ކަނޑުގެ ސިފައިންގެ ޚިދުމަތުން ރިޓަޔާކުރެއްވުމަށްފަހު ބިލްގްރާމީ ވަނީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓްރީގެ ޗީފް އޮފް ސްޓާފްގެ މަޤާމާއި، އެޑިޝަނަލް ސެކްރެޓަރީގެ މަޤާމާއި، ޗީފް އޮފް ނޭވަލް ސްޓާފްގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ސަފީރު ފައިސަލް ރަސޫލް ލޯދީއަކީ ވެސް ކަނޑުގެ ސިފައިންގެ ރިޓަޔާޑް ވައިސް އެޑްމިރަލެކެވެ. ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވި ލޯދީ، ރައީސް މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް