ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބާއްވާ "އެކްސަސައިޒް ޖައްރާފާ-2026" މިއަދު ފަށައިފިއެވެ.
އެކްސަސައިޒް ފެށުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި އެކްސަސައިޒަކީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް ފަރިތަކުރުމުގެ ގޮތުން ބާއްވަމުން އަންނަ އެކްސަސައިޒެކެވެ. ފަޔަރ ފައިޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭ މިންވަރު ދެނެގަތުމަކީ ވެސް މި އެކްސަސައިޒްގެ އެއް މަގުސަދެވެ.
ނޮވެންބަރު 22 އާއި 23 ގައި ބާއްވާ މި އެކްސަސައިޒްގެ ތަމްރީނުތައް ކުރިއަށްދާނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
ތަމްރީނުތައް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި ގްރޭޓަރ މާލެ ސަރަހައްދުގައި ފަޔަރ ވެހިކަލްތައް ސައިރަން އަޅައިގެން ބާރު ސްޕީޑްގައި ދަތުރުކުރާނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.





