ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމަށް ސަރުކާރުން ކުރިއަށްގެންދާ ޓޮބޭކޯ ސެޒޭޝަން ކްލިނިކްތަކުން ފަރުވާ ހޯދައިގެން މިހާތަނަށް 709 މީހަކު ދުންފަތުގެ ބޭނުން ހުއްޓާލާފައިވާ ކަމަށް ހާމަކޮށްފިއެވެ.
ސެޒޭޝަން ކްލިނިކްތަކުގެ ހިދުމަތް މިހާރު މާލޭގެ 3 ހޮސްޕިޓަލެއްގެ އިތުރުން، އަތޮޅުތަކުގެ 48 ތަނަކުން ފޯރުކޮށްދެމުންދާއިރު، ދުންފަތް ހުއްޓާލުމުގެ ފަރުވާ ދިނުމަށް 840 ސިއްހީ ހިދުމަތްތެރިން ވަނީ ތަމްރީނުކޮށްފައެވެ.
މީގެ އިތުރުން، ދުންފަތާ ދުރުހެލިވުމަށް އެހީތެރިވެދިނުމަށް ގާއިމުކޮށްފައިވާ 24 ގަޑިއިރުގެ ހޮޓްލައިން މެދުވެރިކޮށް 877 މީހަކު ވަނީ އެހީ ހޯދާފައެވެ.
ދުންފަތުގެ އިސްތިއުމާލު މަދުކުރުމުގެ ގޮތުން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ގެނެސް، ވޭޕްކުރަން ބޭނުންކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ.
ޒުވާން ޖީލު ދުންފަތުން ދުރުކުރުމަށް "ޖެނެރޭޝަނަލް ބޭން" ވެސް ވަނީ ތަންފީޒުކޮށްފައެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.





