ތ. ދިޔަމިގިލީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭ ގޮތަށް އިމާރާތްކުރި ތިން ބުރީގެ އިމާރާތުގެ މަސައްކަތް، 235 ދުވަހުގެ ތެރޭގައި އެމްއެންޑީއެފްގެ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ)ގެ ސިފައިން ނިންމައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މި އިމާރާތުގެ މަސައްކަތް ސިފައިން ފެށީ މިދިޔަ މާޗް 31 ވަނަ ދުވަހު ކަމަށާއި، ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލީ އިއްޔެ ކަމަށެވެ.
ސިފައިން މަސައްކަތް ފެށީ، ކުރިން ނިންމާފައި ހުރި އިމާރާތުގެ ސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުންތައް އަލުން މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖަހައި ސްޓްރަކްޗަރު ވަރުގަދަކުރުމަށް ފަހުގައެވެ.
އެއަށްފަހު، އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި ރޭނުމާއި ސިމެންތި ޖެހުމުން ފެށިގެން، އަލިފާން ނިއްވާ ތަކެތި ހަރުކުރުމާއި ސްކޫލުގެ ނަންބޯޑު ހަރުކުރުން ފަދަ މަސައްކަތްތައް ވެސް ސިފައިން ވަނީ ކޮށްފައެވެ.
މި މަޝްރޫޢުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއީގެ ވޮރަންޓް އޮފިސަރު 2 ޖަޢުފަރު މުހައްމަދު ކަމަށާއި، އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއީގެ ފަސްޓް ސާޖަންޓް އަޙްމަދު ޚާލިދު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި ސާވިސް ކޯގެ ސިގްނަލްސްއާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސްގެ ސިފައިންގެ އެހީތެރިކަމާއި، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.





