ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލާގައި ޝަހީދުވި އިބްރާހީމް ހުސައިން ނިސްބަތްވާ ރަށް ހއ. ބާރަށުގައި، ނަސްރުގެ ދުވަހާ ގުޅިގެން ސިފައިން ބާއްވާ މައުރަޒު މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ އިސްމާއީލް ނަސީރު ހުޅުއްވައިދެއްވައިފިއެވެ.
ބާރަށު ސްކޫލުގައި ކުރިއަށްދާ މި މައުރަޒުގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު އުދުވާނީ ހަމަލާ ފެށުނު ވަގުތުން ފެށިގެން ދިވެހިންނަށް ނަސްރު ލިބުމާ ހަމައަށް ހިނގި ކަންތައްތައް ވަގުތު ފީތާއެއްގެ ގޮތުގައި ސިފަކޮށްލެވޭނެ ފޮޓޯތަކާއި ކުރެހުންތަކާއި، އަޑާއި މަންޒަރާއި ލިޔުންތައް ހިމަނާފައިވެއެވެ.
މި މައުރަޒު ހާއްސަކޮށްފައިވަނީ އެ ހަމަލާގައި ޝަހީދުވި ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަސްރާއި ކާމިޔާބީއަށެވެ. ދިވެހި ސިފައިންނާއި ދިވެހިން ވީ ގުރުބާނީއާއި ދެއްކި ގަދަހިތްވަރު ވެސް މި މައުރަޒުން ތަސައްވުރުކޮށްލެވޭނެއެވެ.
އާންމުންނަށް ހުޅުވާލާފައިވާ މައުރަޒު ބާއްވަނީ ނޮވެންބަރު 20 އިން 21 ގެ ނިޔަލަށް، ހަވީރު 16:00 އިން 18:00 އަށާއި ރޭގަނޑު 20:00 އިން 22:00 އަށެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން، ރަށުގެ މުއައްސަސާތަކުގެ ބައެއް އިސްވެރިން، ސްކޫލުގެ ދަރިވަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މައުރަޒު ބޭއްވުމަށް ބާރަށު ކައުންސިލުން ދިން އެހީތެރިކަމުގެ އަގުވަޒަންކޮށް، ކައުންސިލުގެ ރައީސް އަލީ ޝަމީމަށް އެމްއެންޑީއެފްގެ ފަރާތުން ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުހައްމަދު ނާޒިމެވެ.





