ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސް އެ ޤައުމަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރިޕޯޓުކޮށްފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު 13 ގައި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގަތުމަށް ތާވަލުކޮށްފައިވާ ކަމަށް ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޑެއިލީ ޓައިމްސް އޮފް ބަންގްލަދޭޝް"އިން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ދެ ޤައުމުގެ ވެރިންގެ މެދުގައި އޮތް ގުޅުން ވަރަށް ބަދަހިއެވެ. އަދި މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަތުރުފުޅުގެ ތެރޭގައި ދެ ބޭފުޅުން މަޝްވަރާކުރައްވާނީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި، ދެ ޤައުމުގެ ގުޅުން ފުޅާ ދާއިރާއެއްގައި ބަދަހިކުރުމާ ގުޅޭ ގޮތުންނެވެ.

ރާއްޖޭގައި ބަންގްލަދޭޝްގެ 100،000 އަށްވުރެ ގިނަ މަސައްކަތްތެރިން މަސައްކަތްކުރާއިރު، ބަންގްލަދޭޝުން ދެކޭ ގޮތުގައި ދެކުނު އޭޝިއާގެ ސަރަޙައްދުގައި ރާއްޖެއަކީ އެ ޤައުމަށް ވަރަށް މުހިންމު ބައިވެރިއެކެވެ.

މީގެ އިތުރުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ދެ ދުވަހުގެ ދަތުރުފުޅެއްގައި ޑިސެމްބަރު 7 ގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

ނަމަވެސް، މި ދަތުރުފުޅާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުޢިއްޒު އެންމެ ފަހުން ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ މި އަހަރުގެ ފެބުރުއަރީ 16 އިން 18 އަށް، އެ ޤައުމުގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް