ހުޅުމާލޭގައި ކުނިތަކެއްގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވުނު ނަމަވެސް އަދިވެސް އެއްކޮށް ނިއްވާލެވިފައެއް ނުވޭ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި މިއަދު މެންދުރު ރޯވި އަލިފާން ކޮންޓްރޯލްކުރެވުނު ނަމަވެސް، އަލިފާން އެއްކޮށް ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަދިވެސް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އަލިފާން ރޯވިކަމުގެ މައުލޫމާތު ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުނީ މެންދުރު 13:57 ހާއިރެވެ. އެއާއެކު ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއިރު، އެމީހުންނަށް އެހީތެރިވުމަށް މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، އަލިފާން ކޮންޓްރޯލްކުރެވުނީ ހަވީރު 15:59 ހާއިރެވެ. ނަމަވެސް އޭގެ ފަހުން ވެސް ބައެއް ވަގުތުތަކުގައި އެ ސަރަހައްދުން އަލިފާން ފެންނަމުންދާއިރު، ބޯ ދުން ދަނީ އަރަމުންނެވެ.

އަލިފާނުގެ ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދަނީ ގިނަ ބަޔަކު ދިރިއުޅޭ ހިޔާ ސަރަހައްދަށެވެ. އެހެންކަމުން، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކުރާ ސަރަހައްދުތަކަށް ނުނިކުތުމަށާއި، ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށްގެން ތިބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް