ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ދެ ޤައުމުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެދުގައި ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕުތައް އުފައްދައި، މެމްބަރުންގެ ދަތުރުތައް ބަދަލުކުރުމަށް ބަންގްލަދޭޝްގެ ޖާތިޔާ ސަންގްސަދުގެ ރައީސް ޙާފިޡުއްދީން އަޙްމަދު ގޮވާލައްވައިފިއެވެ.
މަޖިލީހުގެ ރައީސް މިކަމަށް ގޮވާލެއްވީ، ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، ޑާކާގައި ހުންނަ ޖާތިޔާ ސަންގްސަދު ބަވަނުގައި އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގައެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތީ ޒަމާނުއްސުރެ އޮތް ގާތް ގުޅުމެއް ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި އިސްލާމީ އުޚުއްވަތްތެރިކަމަކީ މި ގުޅުމުގެ ބިންގާ ކަމަށް ޙާފިޡުއްދީން ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ 13 ވަނަ އާންމު އިންތިޚާބަށްފަހު އެކުލަވާލި ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވި ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހައިކޮމިޝަނަރު ޝިއުނީން ވިދާޅުވީ، ދެ ޤައުމުގެ މެދުގައި ސަގާފީ އަދި އިޖުތިމާއީ ގޮތުން އެއްގޮތްކަމެއް އޮތުމުން، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ދިވެހި މުޖުތަމައުއަށް ފަސޭހަކަމާއެކު ހޭނިފައިވާ ކަމަށެވެ.
ކުޅިވަރާއި ސަގާފީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ބަންގްލަދޭޝްގެ ފޭރާމުގެ ސިނާއަތުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ޖާތިޔާ ސަންގްސަދުގެ ކުރިއަށް އޮތް ޖަލްސާއެއް ބައްލަވާލެއްވުމަށް މަޖިލީހުގެ ރައީސް ވަނީ ހައިކޮމިޝަނަރަށް ދައުވަތު އަރުވާފައެވެ.





