ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުނި ޖަމާކޮށްފައިހުރި ސަރަހައްދެއްގައި މިއަދު ރޯވި އަލިފާނުގެ ސަބަބުން، ދެވަނަ ފިޔަވަހީގެ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ދުން ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އަލިފާން ރޯވީ ހުޅުމާލޭގައި ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައިހުރި ކުނިތަކެއްގައެވެ. އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއާއި ފުލުހުން ހަރަކާތްތެރިވިއެވެ.
އެޗްޕީއޭއިން އާންމުކުރި އިރުޝާދުތަކުގައި، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެނަމަ އަނގައާއި ނޭފަތް ނިވާވާނޭހެން މާސްކެއް ބޭނުންކުރުމަށް ވަނީ އެދިފައެވެ.
އަދި ގޭތެރެއަށް ދުން ނުވަދެވޭނެހެން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް މިފަދަ ދުމުގެ ނޭދެވޭ އަސަރު ބޮޑުވުމުގެ ފުރުސަތު އޮތުމުން، އެފަދަ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ދުމުގެ ސަބަބުން ނޭވާ ކުރުވުން، ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން ނުވަތަ ބޯއެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.





