ކުޑަކުދިންނާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެކުދިންގެ އަޑު އެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ހަގީގީ ކުރިއެރުމަކީ ހަމައެކަނި ކުޑަކުދިންނަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވާލުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެކުދިންގެ ތަޖުރިބާތަކުގެ އަޑުއަހައި، އެކުދިންގެ ޚިޔާލުތަކަށް އިޙްތިރާމްކޮށް، އެކުދިންނަށް ލިބެން އޮތް މުސްތަޤުބަލު ބިނާކުރުމުގައި އެކުދިން ބައިވެރިކުރުވުން މުހިންމު ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އަނިޔާއިން ކުދިން ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޢާއިލީ މާޙައުލުގައި ކުދިން ބެލެހެއްޓުމުގެ ފުރުޞަތު ފުޅާކުރުމާއި، ޞިއްޙީ ޚިދުމަތްތަކާއި ޝާމިލު ތަޢުލީމާއި ތެރަޕީގެ ޚިދުމަތްތައް ކުރިއެރުވުމުގެ އިތުރުން، އިޖުތިމާޢީ ރައްކާތެރިކަމާއި އަލުން މުޖުތަމަޢަށް ރުޖޫޢަކުރުވުމުގެ ނިޒާމު ކުރިއެރުވުމުގައި ސަރުކާރުން ދަނީ ކުދިންގެ ހެދިބޮޑުވުމުގެ ކޮންމެ މަރުޙަލާއަކަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރަމުންނެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމަށް ގެނެވޭ އިޞްލާޙުތަކާއި ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުދިންގެ ދުޅަހެޔޮކަމަށް އަލަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ރައްކާތެރިކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަންކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުޑަކުދިން އެދޭ ފަދަ މުސްތަޤުބަލެއް ބިނާކޮށްދިނުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ރައީސް ވަނީ ހުރިހާ ފަރާތަކަށް ގޮވާލައްވާފައެވެ.





