ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސް (އިންޓަރޕާ) ގެ 15 ވަނަ ކޮންފަރެންސްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެއްޖެއެވެ.
ވަފުދުގައި ހިމެނުނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙުމާ ސަޢީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން އިސްމާޢީލް ޞަފްޙަތެވެ.
ތިން ދުވަހުގެ މި ކޮންފަރެންސް އިންތިޒާމުކުރީ ގަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ ދަށުން ހިންގާ ގަތަރު ޕޮލިސް އެކަޑަމީންނެވެ. ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޕޮލިސް އެކަޑަމީތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ތަމްރީނު މަރުކަޒުތަކުގެ މަންދޫބުން ބައިވެރިވިއެވެ.
ފުލުހުންގެ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ތަޖުރިބާ ބަދަލުކުރުމާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމުގެ ބޭނުމުގައި ބޭއްވި މި ކޮންފަރެންސްގައި، ފުލުހުންގެ ތަޢުލީމާއި ތަމްރީނު ނިޒާމުތައް ޒަމާނީކޮށް، ތަމްރީނު މަންހަޖުތައް ހަރުދަނާކުރުމާއި، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ޤާބިލު އޮފިސަރުން ބިނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުގެ ތެރެއިން އިންޓަރޕާގެ 15 ވަނަ ޖެނެރަލް އެސެމްބްލީ ބައްދަލުވުމާއި 30 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން ވެސް ބޭއްވިއެވެ. އެ ބައްދަލުވުންތަކުގައި މުއައްސަސާތަކުގެ ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާއި، ފުލުހުންގެ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.





