ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި، ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި މިއަދު މެންދުރު ރޯވި އަލިފާނުގެ ހާދިސާގައި، އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންނާއި ދިވެހި ޤައުމީ ދިފާޢީ ބާރުގެ (އެމްއެންޑީއެފް) ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ޓީމުތައް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަލިފާން ބާރަށް ފެތުރެމުން ދިޔައިރު، މުޅި ސަރަހައްދަށް ވަނީ ދުން ފެތުރިފައެވެ.
މި ކުނިތަކުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.
އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.





