އިންޑޮނޭޝިއާގެ ޑޭކެއާ ވެރިޔާއަށް ލިބުނު ހުކުމާ މެދު ބެލެނިވެރިން ނުރުހުން ފާޅުކޮށްފި

އިންޑޮނޭޝިއާގެ ޔޮގްޔަކާޓާގައި ހުއްދައެއް ނެތި ހިންގި ޑޭކެއާ ސެންޓަރެއްގައި ކުޑަކުދިންނަށް އަނިޔާކުރި މައްސަލައިގައި، އެ ސެންޓަރުގެ ކުރީގެ ވެރިޔާ އަނީތާ ޕަލޫޕީ އިންދަހްސާރީއަށް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެއީ ކުދިންނަށް ލިބުނު ގެއްލުމާ އެކަށީގެންވާ އަދަބެއް ނޫން ކަމަށް ބައެއް ބެލެނިވެރިން ބުނެފިއެވެ.

ލިޓްލް އަރޭޝާ ސެންޓަރުގެ މައްސަލާގައި ބުރާސްފަތި ދުވަހު ހުކުމް އިއްވި ފަނޑިޔާރު ސުނަރްޔަންތޯ ކަނޑައަޅުއްވާފައިވަނީ، ކުޑަކުދިންނަށް މެދުކެނޑުމެއްނެތި އަނިޔާކުރުމަށް އަނީތާ ފުރުސަތު ދީފައިވާކަން ސާބިތުވާ ކަމަށެވެ. ހުކުމުގައި 510 މިލިއަން ރުޕިއާ (27،900 ޑޮލަރު) ގެ ޖޫރިމަނާއެއް ވެސް ކަނޑައަޅާފައިވާއިރު، އެ ފައިސާ ނުދައްކައިފިނަމަ އޭނާގެ މުދާ ނަގައި ނީލަމުގައި ވިއްކާނެ ކަމަށް ފަނޑިޔާރު އެންގެވިއެވެ.

މި މައްސަލާގައި ޕްރޮސިކިއުޓަރުން އެދިފައިވަނީ އަނީތާއަށް 10 އަހަރުގެ ޖަލު ހުކުމެއް ދިނުމަށެވެ. ހުކުމް އިއްވި އަޑުއެހުމަށް ހާޒިރުވި ބެލެނިވެރިއެއް ކަމަށްވާ ޓްރީ ސުސިލަވަތީ ބުނީ، އެ މީހުން ކުދިންނަށް ކުރި ކަންތައްތަކަށް ބަލާއިރު އެ އަދަބު އެކަށީގެން ނުވާ ކަމަށެވެ. އަދި ހުކުމް އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރުންގެ ކިބައިން އޭނާ ވަނީ އެދިފައެވެ.

އަނީތާގެ އިތުރުން، ސެންޓަރުގައި ކުދިން ބެލެހެއްޓުމަށް ތިބި 11 މުވައްޒަފަކަށް ވެސް ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމްތައް ވަނީ އިއްވާފައެވެ. އެ މުވައްޒަފުންގެ ތެރެއިން ކޮންމެ މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ޕްރޮސިކިއުޓަރުން އެދިފައިވެއެވެ.

ސެންޓަރު ހިންގާ ލިޓްލް އަރޭޝާ ފައުންޑޭޝަންގެ ޗެއާޕާސަން ދިޔާ ކުސުމަސްތޫތީގެ މައްޗަށް އަދި ހުކުމް އިއްވާފައި ނުވާއިރު، އޭނާ 10 އަހަރަށް ޖަލަށްލައި 900 މިލިއަން ރުޕިއާއިން ޖޫރިމަނާކުރުމަށް ޕްރޮސިކިއުޓަރުން ވަނީ އެދިފައެވެ.

މި ސެންޓަރުގައި ކުދިންނަށް އަނިޔާކުރާކަން ފެންނަން ފެށުނީ، ކުރީގެ މުވައްޒަފަކު ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން މިދިޔަ އޭޕްރީލް މަހު ފުލުހުން އެ ތަން ބަލައި ފާސްކުރުމުންނެވެ. އެ ފަހަރު ތުއްތު ކުދިންގެ އަތާއި ފައި ބަނދެފައި ތިއްބާ ފެނިފައިވާއިރު، ސެންޓަރުގައި ތިބި 103 ކުދިންގެ ތެރެއިން 53 ކުދިންނަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ލަފާކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް