ރިވެތި އަޚުލާޤީ ސިފަތަކުގެ ތެރެއިން ކެތްތެރިކަމަކީ ގިނަ ކުށްތަކުންނާއި ހަވާނަފްސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭ ސިފައެއް ކަމަށާއި، ކެތްތެރީންނަށް ދަރުމަ ދެއްވާނީ ޙިސާބަކާ ނުލައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"އިސްލާމްދީނަކީ ރިވެތި އަޚުލާޤުގެ ދީން" މި މައުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބުނެފައިވަނީ، އިސްލާމްދީން ބާވައިލެއްވިފައިވަނީ އިންސާނާއަށް ރިވެތި އަޚުލާޤާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް ކަމަށެވެ.
އައްޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގެ އަލީގައި ޚުޠުބާގައި ފާހަގަކޮށްފައިވަނީ، ދުނިޔޭގައި ކުރިމަތިކުރައްވާ އިމްތިޙާނުތަކަށް ކެތްތެރިވާ މީހުންނަށް ދަރުމަ ދެއްވާނީ ޙިސާބެއް ނެތި ކަމަށެވެ. އަދި ދިމާވާ ކޮންމެ ކަމަކީ ކޮންމެވެސް މީހެއްގެ ފަރާތުން އައި ބަދުނަސީބެއް ކަމަށް ހީކޮށް، އެ މީހަކާ މެދު ހިތް ނުބައިކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
އަލްބަޤަރާ ސޫރަތުގެ 155 ވަނަ އާޔަތުން ފެށިގެން 157 ވަނަ އާޔަތާ ހަމައަށް ގެންނަވާފައިވާ ވާހަކަތަކުގެ އަލީގައި، މުއުމިނުންނަކީ ދުނިޔޭގެ ދަތިތަކުން އިމްތިޙާނުކުރެއްވޭނެ ބައެއްކަން ހަނދާންކޮށްދީ، މިފަދަ ކޮންމެ ޙާލަތެއްގައިވެސް ކެތްތެރިކަން އިސްކުރުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.
ރިވެތި އަޚުލާޤުގެ ސަބަބުން ރޭއަޅުކަންކޮށް ސުންނަތް ރޯދަ ހިފުމުގައި ދެމިހުންނަ މީހެއްގެ ދަރަޖައަށް ވާޞިލުވެވޭނެ ކަމަށް ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން އައިސްފައިވާ ޙަދީޘްފުޅެއް ވެސް ޚުޠުބާގައި ގެނެސްފައިވެއެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުގައި، ޞިއްޙަތާއި ޓެކްނޮލޮޖީއާއި ތަޢުލީމާއި އިޤްތިޞާދީ ގޮތުން ދުނިޔެ ކިތަންމެ ކުރިއަރައިދިޔަ ނަމަވެސް، އެ ކުރިއެރުމުގެ ތެރޭގައި އަޚުލާޤީ ރިވެތި ސިފަތައް ނެތްނަމަ އެއީ ޙަޤީޤީ ތަރައްޤީއެއް ކަމުގައި ނުބެލެވޭނެއެވެ. އަދި މިއަދުވެސް އިސްކަންދޭންވީ މި އަގުހުރި ސިފަތައް ދިރުވައި އާލާކުރުމަށް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.





