އީރާން ހަނގުރާމައަށް 48.3 ބިލިއަން ޑޮލަރު ޚަރަދުވި ކަމަށް ޕެންޓަގަނުން ސެނެޓަށް ހާމަކޮށްފި

އެމެރިކާއާއި އިސްރާއީލު ގުޅިގެން ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް، ނޮވެމްބަރު 13 ވަނަ ދުވަހާ ހަމައަށް 48.3 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން އެ ގައުމުގެ ސެނެޓަށް ހާމަކޮށްފިއެވެ.

މި މައުލޫމާތު ހާމަކުރީ ބުރާސްފަތި ދުވަހު އޮތް ސެނެޓް އާމްޑް ސާވިސަސް ކޮމިޓީގެ އަޑުއެހުމެއްގައި ޕެންޓަގަންގެ ޑެޕިއުޓީ ކޮމްޕްޓްރޯލަރު އާތާ މިލާއެވެ. މި އަޑުއެހުމަކީ އެމެރިކާގެ ނޭވީގެ ފައިނޭންޝަލް މެނޭޖްމަންޓް އެސިސްޓެންޓް ސެކްރެޓަރީގެ މަގާމަށް އާތާ މިލާ ނޮމިނޭޓްކުރުމާ ގުޅިގެން ބޭއްވި އަޑުއެހުމެކެވެ.

މިލާ ބުނި ގޮތުގައި، މި އަދަދުގައި ހިމެނެނީ ހަތިޔާރާއި، ހަލާކުވާ އާލާތްތައް ބަދަލުކުރުމުގެ ޚަރަދާއި، އޮޕަރޭޝަނަލް ޚަރަދުތަކެވެ.

ނަމަވެސް، އީރާނުގެ ޑްރޯން އަދި މިސައިލް ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ ޚަރަދު މި އަދަދުގައި ނުހިމެނެއެވެ. އެ މަރާމާތުތަކަށް ހިނގާނެ ޚަރަދުގެ ސީދާ އަދަދެއް އަދި ނޭނގޭ ކަމަށް މިލާ ވަނީ ބުނެފައެވެ.

މި ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް އުފުލުމުގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަސްތަކެއް އެޅިފައިވާއިރު، އީރާނުގެ ވާގިވެރިކަން ލިބޭ ޔަމަނުގެ ޙޫޘީން ވެސް ސައުދީ އަރަބިއްޔާއަށް ހަމަލާތައް ދެމުން ދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް