ޖަރާސީމު ބޭހަށް ނުގުޑުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލެއް: ފަސްޓް ލޭޑީ

ޖަރާސީމު ނައްތާލުމަށް ބޭނުންކުރާ ބޭސްތަކަށް ޖަރާސީމު ނުގުޑުމުގެ މައްސަލަ، ނުވަތަ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭ.އެމް.އާރް) އަކީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ ނުރައްކަލެއް ކަމަށް ވިދާޅުވެ، ބޭސްތައް ބޭނުންކުރުމުގައި ޒިންމާދާރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިހެން ގޮވާލައްވާފައިވަނީ، ދުނިޔޭގެ އެންޓިމައިކްރޯބިއަލް ހޭލުންތެރިކަމުގެ ހަފުތާއާ ގުޅިގެން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ފަސްޓް ލޭޑީ ފާހަގަކުރައްވާފައިވާ ގޮތުގައި، އޭ.އެމް.އާރްގެ ސަބަބުން އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާގެހީގެ އިތުރުން، މުޅި ތިމާވެށީގެ ދުޅަހެޔޮކަމަށް ވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ.

ބޭހަކީ އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދޭ މުހިންމު އެއްޗެއް ކަމަށާއި، ޖަރާސީމު ނައްތާލާ ބޭސްތަކުގެ އަސަރު ކެނޑިގެންދާނަމަ އިންފެކްޝަންތައް ގިނަވެ، ބަލިތަކަށް ފަރުވާކުރުން ދަތިވެ، ދުވަހުގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.

އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ މުސްތަޤުބަލެއް ހޯދައިދެވޭނީ، ބޭސްތައް ޒިންމާދާރުކަމާއެކު ބޭނުންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަންކުރުމަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

އިންސާނުންނާއި ޖަނަވާރުންނާއި ތިމާވެށީގެ ސިއްހަތު އެކަކާ އަނެކަކާ ގުޅިފައިވާކަން ދައްކުވައިދޭ "ވަން ހެލްތު" ގެ އުސޫލަށް ބާރުއަޅުއްވައި، މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްނެގުމުގައި ކޮންމެ އަހަރަކު ނޮވެމްބަރު 18 އިން 24 އަށް ފާހަގަކުރާ މި ހަފުތާގެ މަގްސަދަކީ، ޖަރާސީމު ބޭހަށް ނުގުޑުމުގެ މައްސަލައާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް