ކުރިއަށް އޮތް ދުވަސްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޤާބިލުކަން ހުރި މުދައްރިސުންގެ ބައެއް ރާއްޖޭގައި ތިބޭނެ ކަމަށާއި، އެކަމަށް މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިރޭ ބޭއްވި "އަހާ" ފޯރަމުގައި ތަޢުލީމީ ދާއިރާގައި އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ތަޢުލީމީ ނިޒާމަށް ބަދަލެއް ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމަށް ވިދާޅުވި މިނިސްޓަރު، ވޭތުވެދިޔަ ރޯދަމަހު ވެސް މުދައްރިސުންނަށް ޚާއްޞަ އޭއައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިހާރު ވެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ "އެދުރު" ޕްލެޓްފޯމް މެދުވެރިކޮށް މުދައްރިސުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
"މާނައަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކިޔަވައިދޭނެ ޓީޗާސް ފޯސްއެއް އޮންނާނެ،" ޝަފީޢު ވިދާޅުވިއެވެ.
މުދައްރިސުން ތަމްރީނުކުރި ނަމަވެސް ބޭނުންވާ ބައެއް އާލާތްތައް ނެތުމަކީ ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ހުރި ވަސީލަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރު ފަދަ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ނިމުމާއެކު ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ ތަޢުލީމުގައި ބޭނުންކުރަނީ ބައިނަލްއަޤުވާމީ ކަރިކިއުލަމެއް ކަމުން، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ތަޢުލީމީ ނިޒާމަށް ގެންނަ އޭއައި ފަދަ ޓެކްނޮލޮޖީގެ ބަދަލުތަކަށް ރާއްޖެ އަބަދުވެސް އޮންނާނީ ފަހިކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.





