ކޮޕް31 ގެ ވޯލްޑް ލީޑާސް ސަމިޓަށް ރައީސް މާދަމާ ތުރުކީވިލާތަށް ފުރާވަޑައިގަންނަވަނީ

އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައި ބާއްވާ ވޯލްޑް ލީޑާސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ތުރުކީވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ ކޮޕް31 ކުރިއަށްދަނީ މިއަދުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް، ތުރުކީވިލާތުގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައެވެ. ރައީސް ބައިވެރިވެވަޑައިގަންނަވާ ވޯލްޑް ލީޑާސް ސަމިޓް އޮންނާނީ މި މަހުގެ 11 އިން 12 އަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިއީ ރާއްޖެއަށް ނުހަނު މުހިންމު ސަމިޓެއް ކަމަށާއި، ރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި ވަރަށް އިސް ދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަނީ ވަރަށް ޒިންމާދާރުކަމާއެކު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ގައުމަށް ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުމުގައި ދުނިޔޭގެ ތިމާވެށްޓަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި ވީހާވެސް ގިނަ މަސައްކަތް ކުރާ ބަޔަކަށް ވާން، އަދި އަޅުގަނޑުމެން ކަނޑައަޅާފައިވާ ޓާގެޓްތައް ހާސިލް ކުރުމަށްވެސް މަސައްކަތް ކުރަމުން މި ދަނީ،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ގޮނޑުދޮށްތައް ގިރުން ފަދަ ތިމާވެށީގެ މައްސަލަތަކުގައި ކޮޕް ސަމިޓުގައި ރާއްޖެއިން އަޑުއުފުލާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ތެރޭގައި ހިމެނޭ ކުޑަ ގައުމެއް ނަމަވެސް، ތިމާވެށީގެ މައްސަލަތަކަށް ރާއްޖެއިން ވަކާލާތުކުރާނެ ކަމަށާއި، ބައިނަލްއަގުވާމީ ގޮތުން ވެފައިވާ އެއްބަސްވުންތައް ތަންފީޒުވަމުންދާ ވަރަކުން ރާއްޖެއަށް ފައިދާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކުރައްވާ ފުރަމާނަ ދަތުރުފުޅުތަކުގައި އެންމެ އިސްކަން ދެއްވަނީ ޚާރިޖީ ސިޔާސަތާ އެއްގޮތަށް މޯލްޑިވްސް ފަސްޓް ސިޔާސަތު ތަންފީޒުކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް