މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އދ. ދަނގެތީގައި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
އެފްއެސްއެމް އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ތަރައްޤީކުރި މި ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދެވެ.
އެފްއެސްއެމުން ބުނީ، ދަނގެތީގައި މި ޚިދުމަތް ފެށުމާއެކު، މަސްވެރިންނަށް މާލެއިން ތެޔޮ ވިއްކާ އަގުގައި ދަނގެތިން ވެސް ޑީސަލް ލިބެން ހުންނާނެ ކަމަށެވެ. މި ސްޓޭޝަންގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަގުހެޔޮކޮށް ފަސޭހަކަމާއެކު ތެޔޮ ލިބިގެންދާނެ ކަމަށް ވެސް އެފްއެސްއެމުން ބުނެފައިވެއެވެ.
މިއީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ބުނެފައިވެއެވެ. އެގޮތުން ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.





