ސިއްހީ ދާއިރާގެ ކުރިމަގަށް މުޖުތަމައަށް ބޭނުންވާ ގާބިލް މީހުން ބިނާކުރުން މުހިންމު: ވަޒީރު ގީލާ

ސިއްހީ ދާއިރާގެ ކުރިމަގަށްޓަކައި މުޖުތަމައަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒުކުރެވޭނެ ފަދަ ގާބިލް މީހުން ބިނާކުރުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި ޕާކިސްތާނުގެ ރިފާ އިންޓަނޭޝަނަލް ޔުނިވަސިޓީ ގުޅިގެން ބޭއްވި "ބުޓިކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ގީލާ ފާހަގަކުރެއްވި ގޮތުގައި ސިއްހީ ދާއިރާގެ މައިގަނޑު އަމާޒަކީ ހަމައެކަނި ގިނަ އަދަދެއްގެ ޑޮކްޓަރުން އުފެއްދުމެއް ނޫނެވެ. އޭގެ ބަދަލުގައި މުހިންމީ މުޖުތަމައުގެ ސިއްހީ ބޭނުންތައް ދެނެގަނެ، އެ ކަންކަމަށް އަމަލީ ހައްލު ހޯދައިދެވޭނެ ފެންވަރުގެ ހުނަރުވެރި މާހިރުން އުފެއްދުމެވެ.

މުސްތަގުބަލަށް ތައްޔާރުވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސިއްހީ ދާއިރާގެ މަސައްކަތްތެރިން މިއަދު ޑިޖިޓަލް ހެލްތާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަށް އަހުލުވެރިވާންޖެހޭ ކަމަށެވެ. އަދި ބަދަލުވަމުން އަންނަ ބަލިތަކުގެ ޕެޓާންތަކަށާއި، އިތުރުވަމުންދާ ނަފްސާނީ ބަލިމަޑުކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މީހުން ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޓީމް-ބޭސްޑް ލާނިން އާއި ރިސާޗް އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، އެޑިއުކޭޝަނަލް ރިސާޗާއި، އެސެސްމެންޓް ކޯޗިން، އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެން މީހުން ބިނާކުރުމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ބަލިތަކުން ރައްކާތެރިވުމުގެ އާދަ އަށަގެންނެވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ކުރިން، އެކަމާ ދެކޮޅަށް އެޅެންހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަނެ، ޕްރިވެންޓިވް ހެލްތުކެއާއަށް އިސްކަންދިނުމުގެ މުހިންމުކަން ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް