މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ، މަޖިލީހުގެ ރިޔާސަތުން ވަނީ އަނބުރާ ފޮނުވާލާފައެވެ.

މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ވަނީ، ގައުމުގެ އިގުތިޞާދީ ހާލަތު ދަށަށް ގޮސް އާންމުންގެ ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައިވާ ދަނޑިވަޅެއްގައި، އަދި ސިއްހީ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންගේ މުސާރަ އެއްހަމަކުރުމުގެ ކަންބޮޑުވުންތައް ހުރެ މުސާރަ ބޮޑުކޮށްދެވިފައި ނުވަނީސް، މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ނިންމުމަކީ އާންމުންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ. މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގާފައިވަނިކޮށް، އަދި މި އަހަރު ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވަނިކޮށް ދައުލަތުގެ ޚަރަދު ބޮޑުވާ ގޮތަށް މުސާރަތައް ބޮޑުކުރަން އުޅޭކަންވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ އަނބުރާ ފޮނުވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަދައްކާނެ މައްސަލައަކާ ގުޅޭގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށާއި، އެ މައްސަލައިގައި އެ ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މުސާރަ 95,125 ރުފިޔާއަށް ބޮޑުކުރުމަށާއި، ވަޒީރުންގެ ކާރު އިނާޔަތް އިތުރުކުރުމުގެ އިތުރުން ރަށު ކައުންސިލްތަކުގެ މުސާރަވެސް ބޮޑުކުރުމަށެވެ. މަޖިލީހުގެ ރައީސަށް ކޮމިޓީތަކުގައި ބައިވެރިނުވެވޭތީ މެންބަރުންނަށް ލިބޭ ކޮމިޓީ އިނާޔަތް ނުލިބޭތީ 22,000 ރުފިޔާގެ އިނާޔަތެއް އިތުރުކުރަން ހުށަހެޅުނު އިރު، އިދިކޮޅު އެމްޑީޕީން ވަނީ އަހަރަކު 40 މިލިއަން ރުފިޔާ ދައުލަތުގެ ޚަރަދަށް އިތުރުވާނެތީ މި ނިންމުން ބަދަލުކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް