'ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު' ގިނަ އުފެއްދުންތަކާއެކު ރައީސް މުއިއްޒު ހުޅުވައިދެއްވައިފި

ގިނަ އުފެއްދުންތަކެއް އެއް ތަނަކުން ފެންނާނެ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ސަރުކާރުގެ ވަޒީރުންގެ ވަފުދެއް ބައިވެރިވެވަޑައިގެން މައުރަޒުގެ އުފެއްދުންތައް ބައްލަވާލެއްވިއެވެ.

ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓްރީކުރިއިރު، 419 މީހަކު ވަނީ ޖުމްލަ 4,404 އުފެއްދުން ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މައުރަޒުގައި އެންމެ ގިނައީ އަމިއްލަ މީހުންގެ އުފެއްދުންތައް ކަމަށްވާއިރު، 321 އަމިއްލަ މީހުންގެ އިތުރުން 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުރި 16 މީހަކު އަދި ސަރުކާރު ކުންފުނިތަކާއި ޖަމިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ހަތްދިހަ ތިން ގިންތިއަކަށް ބަހާލައިގެން، ތަފާތު ހަތް ޑިސްޓްރިކްޓެއްގެ ގޮތުގައި ކުރިއަށްދާ މި މައުރަޒުގައި އެންމެ ގިނައީ އަތްތެރި މަސައްކަތުގެ ދާއިރާގެ އުފެއްދުންތަކެވެ. އެގޮތުން އަތްތެރި މަސައްކަތުގެ 1,695 އުފެއްދުމާއި، ޑިޒައިނިން އަދި އާޓުގެ ދާއިރާއިން 920 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މީގެއިތުރުން، މި އަހަރުގެ މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުގެ ތެރެއިން 290 އުފެއްދުމަކަށް މިހާރު ވަނީ އެވޯޑު ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް