ކުޅުދުއްފުށީ ޖެޓީ ތަރައްޤީކުރުން: ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދަނީ

ހދ. ކުޅުދުއްފުށީގެ ޖެޓީ ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކޮންކްރީޓް މަސައްކަތްތަކާއި ތަނބުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ފުޅާ ދާއިރާއެއްގައި ބަނދަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. އެގޮތުން ބަނދަރުގައި މިހާރު ހުރި ލަކުޑި 7 ޖެޓީއެއް އިތުރު 4 މީޓަރަށް ދިގުކުރުމާއި، ޖެޓީތަކުގެ ދެމެދުގައި ޓިމްބަރު ޕްލެޓްފޯމްތައް ގާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން 1،531 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، އެއްގަމުތޮށި މަރާމާތުކުރުމުގެ މަސައްކަތުގެ އިތުރުން ފްލޯޓިންގ ޖެޓީގެ ސްޕަން ޕައިލް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދިވެހި ދައުލަތުގެ ބަޖެޓުން 12.10 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 250 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 23 މާރޗް 2023 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެމްޓީސީސީން ވިދާޅުވާ ގޮތުގައި، މި މަޝްރޫޢު ނިމިގެންދިއުމާއެކު ކުޅުދުއްފުށީ ބަނދަރަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މިއީ އެ ރަށުގެ އިޤްތިޞާދީ އިޖުތިމާޢީ ޙަރަކާތްތަކަށާއި ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާވެ، އުތުރުގެ ވިޔަފާރީގެ މަރުކަޒަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް