އެރައިޒް މަޝްރޫއަށް ހިޔާލު ހޯދުމުގެ ބައްދަލުވުންތައް 13 ރަށެއްގައި ފަށައިފި

އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.

އިރުގެ އަލިން ހަކަތަ އުފެއްދުމުގެ އިތުރުން، މި ޕެކޭޖުގެ ތެރޭގައި ރަށްރަށުގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުޅާކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުން ހިމެނެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ، މަޝްރޫއުގެ ލަނޑުދަނޑިތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމާއެކު، އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަމާއި އޭގެ ސަބަބުން ލިބޭނެ ފައިދާތައް ބަޔާންކޮށްދިނުންކަމަށެވެ. އަދި މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ ނިޒާމާ ގުޅޭގޮތުން ވެސް މި ސެޝަންތަކުގައި މައުލޫމާތު ހިއްސާކުރެވިފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

މި ސިލްސިލާގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ބާއްވާފައިވަނީ ށ. ފުނަދޫގެ އިތުރުން ލ. މާބައިދޫ އަދި އެ އަތޮޅު ކުނަހަންދޫގައެވެ. މަޝްރޫއުގެ ޓީމުގެ އިތުރުން، އެ ރަށްރަށުގެ ކައުންސިލްތަކުގެ މަންދޫބުންނާއި ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުގެ އިސް އޮފިޝަލުން މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުންތަކުގައި، އާންމު ރައްޔިތުން ފާޅުކުރި ހިޔާލުތަކާއި ކުރި ސުވާލުތަކަށް މަޝްރޫއުގެ ޓީމުން ވަނީ ޖަވާބުދެއްވާފައެވެ. އަދި ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި، ސާފު ހަކަތައަށް ބަރޯސާވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް