ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ފިލިޕީންސްގެ ކޮމިޝަން އޮން ހިޔުމަން ރައިޓްސްއާ ދެމެދު އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ފިލިޕީންސްގެ ކުއެޒޯން ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްއާރުސީއެމްގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަނުގެ ރައީސް ޑރ. ޢާއިޝަތު ރަމީލާއެވެ. އަދި ފިލިޕީންސްގެ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ޗެއަރޕާސަން ރިޗަރޑް ޕީ. ޕަލްޕަލް-ލަޓޮކްއެވެ.
މި ރަސްމިއްޔާތުގައި ޑރ. ރަމީލާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ދެ މުއައްސަސާގެ މެދުގައި އުނގެނުމުގެ ފުރުޞަތުތައް ފަހިކުރުމަށާއި، ދެ ގައުމުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ވެވުނު މުހިންމު އެއްބަސްވުމެކެވެ. މީގެއިތުރުން ދެ ގައުމުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކޮށް، އަމަލީ މަސައްކަތްތަކެއް ކޮށްގެންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާ ގުޅިގެން ހިންގާ ތަމްރީނުތަކާއި، ދިރާސާ ދަތުރުތައް ކުރުމުގެ އިތުރުން މަޢުލޫމާތު ހިއްސާކުރުމުގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ހާއްސަ އޮނިގަނޑެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އެޗްއާރުސީއެމުން ވަނީ އެ ކޮމިޝަނުގެ މެންޑޭޓާއި، ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި އިސްނެގުންތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އަދި ފިލިޕީންސްގެ ހިޔުމަން ރައިޓްސް ކޮމިޝަނުންވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ސިޔާސަތުތައް އެކަށައެޅުމުގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވެއެވެ.





