މަގުމަތިންދާ ސައިކަލެއް ފުލުހުން ހުއްޓުވަނީ

ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓުތަކުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށާއި މަގުމަތީގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޓްރެފިކް ޕޮލިހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްއެވެ. އެ ހުށަހެޅުމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއާއި ފޭދޫ ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރު ތާޢީދު ކުރެއްވިއިރު، ކޮމިޓީއަށް ފުލުހުން ހާޒިރުކުރުމަށް ފާސްކުރީ ކޮމިޓީގެ އިއްތިފާޤުންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މެމްބަރު ނާޒިލް ވަނީ އެއްގަމު ދަތުރުފަތުރާ ގުޅުންހުރި ސިޔާސަތުތައް ކަނޑައެޅުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ގަވާއިދާ ހިލާފަށް ނުބައި ފަޅިން ދުއްވިޔަސް މަގުމަތީގައި ތިބޭ ޓްރެފިކް ފުލުހުން އަޅާނުލާ ކަމުގެ ޝަކުވާ އޮތްކަން ފާހަގަކުރައްވައި، ޓްރެފިކް ބެލެހެއްޓުމަށް ނެރޭ ފުލުހުންނަށް ރަނގަޅަށް ކަންކަން ކިޔައިދެވިފައި ނުވާނަމަ އެއީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ކޮމިޓީގެ އެހެން މެމްބަރުންވެސް ވަނީ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލެނބުމަކީ އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވާ މައިގަނޑު ސަބަބުކަން ފާހަގަކުރައްވާފައެވެ. އަދި މަގުމަތީގެ ސަލާމަތްކަން ކަށަވަރުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާއިރު، އާންމުންގެ ފަރުދީ ޒިންމާ އުފުލުމާއެކު ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

 އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް