ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމާ ގުޅިގެން، އެ ގޮނޑީގެ ބައި-އިލެކްޝަން އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އީސީގެ އިއުލާނުގައިވާ ގޮތުން، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޫބަރު 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، ވޯޓު ނެގުން އޮންނާނީ ނޮވެމްބަރު 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު، ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ކައުންސިލަރުކަމުގެ މަގާމު ގެއްލޭނެއެވެ. ޝުޖާއު ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ކަމަށްވާއިރު، އެ ޕާޓީގައި ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވެގެން އުވާލުމާ ގުޅިގެން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެވަޑައިގެންފައެވެ. އެއާއެކު، އޭނާގެ ގޮނޑި ގެއްލުނު ކަމަށް އެލްޖީއޭއިން ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް