ދަރިވަރު ނިޔާވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ޑްރަގަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި، ދިވެހި އަންހެން ދަރިވަރަކު މަރުވިއިރު އެ ކާރު ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެއެވެ.

ހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. އޭނާ މަރުވީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި، އެ މީހުން ދަތުރުކުރި ކާރުގައި ޓެކްސީއެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައެވެ. ކާރުގެ އެތެރޭގައި ތާށިވި އިމީލީ ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން މަރުވެފައިވާއިރު، އެ ކާރުގައި އިން އަނެއް ދިވެހި ދަރިވަރަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ކާރުގައި ޖެހުނު ޓެކްސީ ދުއްވަން އިން 37 އަހަރުގެ ޑްރައިވަރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައެވެ.

މި މައްސަލައިގެ ތަހުގީގަށް އެ ޑްރައިވަރު ހަތަރު ދުވަހުގެ މުއްދަތަށް ހައްޔަރުގައި ބެހެއްޓުމުގެ ހުއްދަ ޝާހް އާލަމްގެ ފަސްޓް މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައެވެ. އިމީލީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިހާރު ވަނީ ޝާހް އާލަމް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް