ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް އުފުލެމުން ދިއުމާ ގުޅިގެން، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޓޫރިސްޓުންނަށް ވިއްކާ ޓިކެޓުގެ އަގު ބޮޑުކޮށްފި އެވެ.
މި ބަދަލާއެކު މާލެއާއި އައްޑޫ އަދި ފުވައްމުލަކާ ދެމެދު ކުރާ ދަތުރުތަކުގެ ޓިކެޓުން ވަނީ 33 ޑޮލަރު (510.18 ރުފިޔާ) އިތުރުކޮށްފަ އެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓް ފިއުލް ވިއްކާ އަގު 67 ޕަސެންޓަށް ވުރެ ބޮޑުވުމާ ގުޅިގެންނެވެ.
ހަނގުރާމައިގެ ލޮޅުން ތެލުގެ ބާޒާރަށް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔައީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުންނެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ސަޕްލައިގެ ބޮޑު ބައެއް ދައުރުވާ ހޮރްމުޒް ކަނޑުއޮޅި ބަންދުވުމުން، ތެޔޮ ފީފާއެއްގެ އަގު ވަނީ 200 ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ.
އެއާލައިންތަކަށް ބޮޑު ގޮންޖެހުމެއް
އެއާލައިންތަކުގެ ހިންގުމުގެ ޚަރަދުގެ 30 ޕަސެންޓަކީ ތެލަށް ކުރާ ހޭދައަށް ވާއިރު، މި ބަދަލުގެ އަސަރު މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ވަނީ ކޮށްފަ އެވެ.
-
ބައިނަލްއަގުވާމީ ދަތުރުތައް: ލަންޑަނާއި ފްރެންކްފަޓް ފަދަ މަންޒިލްތަކުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަގު ވަނީ ގާތްގަނޑަކަށް ދެގުނަ ބޮޑުވެފަ އެވެ.
-
ސަރަހައްދީ ދަތުރުތައް: ދިވެހިން އާންމުކޮށް ގޮސްއުޅޭ އިންޑިއާ، މެލޭޝިޔާ އަދި ތައިލެންޑް ޓިކެޓުން 100-150 ޑޮލަރު ވަނީ އިތުރުވެފަ އެވެ.
އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ހަނގުރާމަ މެދުކަނޑާލި ނަމަވެސް، ތެލުގެ ބާޒާރާއި ދުނިޔޭގެ އިގްތިސާދު އަލުން ހަމައަކަށް އެޅުމަށް މަދުވެގެން ހަ މަސް ދުވަސް ހޭދަވާނެ އެވެ. އޭގެ ކުރިން ދަތުރުފަތުރުގެ އަގުތަކަށް ބޮޑު ލުޔެއް ލިބުމަކީ ދުރު ކަމެކެވެ.





