މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ސުންގަޑި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަނެއްކާވެސް އިތުރުކޮށްފިއެވެ.
މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްފައިވާ މި ފުރުސަތު، މިހާރު ހަމަޖެހިފައިވާ ގޮތުން މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ދިގުދައްކާފައެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާއިރު، ކޮންމެ މީހަކުވެސް ވަކި އެޕްލިކޭޝަނެއް ހުށަހެޅިދާނެއެވެ. ނަމަވެސް، ދެމަފިރިންގެ ތެރެއިން ދެމީހުންގެ ކިބައިގައިވެސް ޝަރުތު ފުރިހަމަވާނަމަ، ހުށަހަޅަންޖެހޭނީ ޖޮއިންޓް އެޕްލިކޭޝަނެކެވެ.
ދެމަފިރިންގެ ތެރެއިން އެކަކު ޝަރުތު ހަމަނުވާ ހާލަތްތަކުގައި، ޝަރުތު ފުރިހަމަވާ ފަރާތަށް އަމިއްލަ ނަމުގައި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މީގެ އިތުރުން، ގޯތި ނުވަތަ ފްލެޓަށް އެދޭ މައިގަނޑު ކެޓަގަރީގެ އިތުރުން، ޝަރުތު ފުރިހަމަވާ ޚާއްޞަ ކެޓަގަރީތަކަށްވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންނަމަވެސް، މި ސްކީމްގެ ދަށުން ބޯހިޔާވަހިކަން ހަމަޖެހޭނީ ޝަރުތު ހަމަވާ ކެޓަގަރީތަކުގެ ތެރެއިން އެންމެ ކެޓަގަރީއަކުން ކަމަށްވެސް އެ މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ.





