ކ. ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 15 މީހަކަށް ވަގުތީ ގޮތުން ތިބޭނެ ތަނެއް ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަމުން 01:18 ހާއިރު ކަމަށާއި، އަލިފާން ރޯވީ އެ ރަށު "ނޫފަރު" ގޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ނަފްސާނީ ގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ހުރާ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ފޮނުވާލާފައެވެ. މީގެ އިތުރުން، އެ ގޭގައި ދިރިއުޅޭ މީހެއްގެ އަތް ކުޑަކޮށް ފިހިގެން ފަރުވާ ދީފައިވާ ކަމަށް ރަށު ކައުންސިލުން އެންޑީއެމްއޭއަށް މައުލޫމާތު ދީފައިވެއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި މި ހާދިސާގައި އެ ގެ ވަނީ ދިރިނޫޅެވޭ ވަރަށް ބޮޑަށް އަނދާފައެވެ. އެ ގޭގައި އުޅުނު ބައެއް މީހުން އާއިލީ އެހެން ގެތަކަށް ބަދަލުވެފައިވާއިރު، ބާކީ ތިބި މީހުންނަށް ރަށުގެ ދެ ގެސްޓްހައުސްއަކުން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ކައުންސިލް މެދުވެރިކޮށް ވަނީ ހަމަޖައްސައިދީފައެވެ.
މި ހާދިސާގައި އިމާރާތަށާއި ގޭގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




