ވަގުތީ ގޮތަކަށް ހަނގުރާމަ ހުއްޓުމަކަށް އައިސްފައިވީނަމަވެސް، ކޮމިޓީގެ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށްގެންދަވާނޭކަމުގެ ޔަގީންކަން، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ، ވަޒީރުންގެ ހާއްޞަ ކޮމިޓީއިން ދެއްވައިފިއެވެ.
އެ ކޮމިޓީއިން މި ޔަޤީންކަން ދެއްވާފައިވަނީ، މިއަދު، ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ކޮމިޓީގެ ޗެއަރ އަދި ހާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ހަލީލު ވިދާޅުވީ، ކާބޯތަކެއްޗާއި ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސަޕްލައި ޗެއިންތައް ދެމެހެއްޓުމަށާއި، އިގްތިސާދަށް ކުރިމަތިވެދާނޭ ހީނަރުކަމަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މެދުނުކެނޑި މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށެވެ.
މާލީ ވަޒީރު، މޫސާ ޒަމީރު ވިދާޅުވީ، ތެލުގެ އަގު އުފުލިފައިވީނަމަވެސް، މިހާތަނަށް ތާވަލުކުރެވިފައިވާ ތެލާއި ކައްކާ ގޭހުގެ ޝިޕްމަންޓްތައް، ދަތިކަމެއްނެތި ލިބޭނޭ މަގު ފަހިވެފައިވާކަމަށެވެ. އަދި އޮމާނުން ތެޔޮލިބުމުގައި ދަތިކަމެއް އަތުވެއްޖެނަމަ، ސިންގަޕޫރުން ތެޔޮ ގަނެވޭނޭ މަގުވެސް ފަހިކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތަކުގެ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަކީ ހަމައެކަނި ފަންޑެޑް ދަތުރުތައް ކަމުގައި ހަމަޖައްސަވައި، ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ފިޔަވައި އެހެން ޚަރަދުތައް ނުކުރުމަށް ނިންމަވާފައިވާކަމަށެވެ.
އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް ބުރޫ ނާރާނޭ ގޮތަކަށް ކަންކަން އިންތިޒާމުކުރެއްވުމަށް އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ.
އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވީ، މުދާ ކްލިއަރކުރުމުގައި ކުރިމަތިވި ދަތިތައް ޙައްލުކުރެއްވުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން ގުޅިގެން، މިދިޔަ ހަފުތާގައި ކުރި މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، އެ މަސައްކަތް އަދިވެސް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ.
މީގެ އިތުރުން، އަސާސީ ބާވަތްތަކުގެ މުދަލާއި އިތުރު 23 ބާވަތެއްގެ މުދާ ގެނައުމަށް ތަފާތު 7 ބާޒާރަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޙައްޖާ ގުޅުންހުރި ހުރިހާ އިންތިޒާމުތައް ކުރެވެމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މެއި މަހުގެ 15 ވަނަ ދުވަހު ރާއްޖެއިން ފުރާ ފުރަތަމަ ޙައްޖުވެރީން ފުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިގު އިބްރާހީމް ވަނީ، ރާއްޖެ އިޝްތިހާރުކުރުމަށް އެއަރލައިންތަކާ އެކު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވަނީ، ކުރިން މެދުކަނޑާލި ބައެއް އުދުހުންތައްވެސް މަދު މަދުން ފެށިފައިވާކަމަށާއި، އައު އެއަރލައިންތަކުން ދަތުރު ފަށަން ހަމަޖެހިފައިވާކަމަށާއި، ވައިގެ މަގުން ގެންނަ ކާގޯ ލައިން ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. ސަރުކާރުން އެންމެ އިސް އަހުމިއްޔަތެއް ދެއްވާފައިވާނީ ފްލައިޓުގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި މި ޙާލަތުގައި ލިބޭ ގެއްލުން ކުޑަކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ، ހަނގުރާމަ ހިނގާ ސަރަޙައްދުގައި ތިބި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ދަރިވަރުންނާ މުއާމަލާތްކޮށް، އެ ދަރިވަރުންނަށް ހިރާހެއް ކުރިމަތިވާނަމަ، އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންގެންދާކަން ކަށަވަރުކޮށްދެއްވާފައެވެ.





