މާލޭ އެޕާޓްމެންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި4 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި ވައްކަމުގައި ޖުމުލަ 4 މިލިއަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވެއެވެ. އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައިގެ ތަހުގީގު ތެރެއިން ފަސް މީހަކަށް ތުހުމަތު ކުރެވޭކަމަށް ފުލުހުން ބުނެއެވެ.
އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށް ބުނެފަވެއެވެ.





