ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގައި، ވޯޓުލާ ތަން ބަދަލުކުރުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބަކީ، ފުރަތަމަ ބުރުގައި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުގެ ސަބަބުން ނަތީޖާ ކަށަވަރުނުވި ފަސް ދާއިރާއެއްގެ ނަތީޖާ ކަނޑައެޅުމަށް ބާއްވާ އިންތިޚާބެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ޕްލޭނިންގ އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓަރ އާމިނަތު އަޒީފާ ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހޯމަ ދުވަހުން ފެށިގެން އެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
އަދި ފުރަތަމަ ބުރުގައި ރަޖިސްޓްރީވެފައިވާ ތަނަށް ބަދަލެއް ގެންނަން ބޭނުންނުވާ ފަރާތްތައް، ކުރިންވެސް ވޯޓުލީ ސަރަޙައްދުގައި ރަޖިސްޓްރީވެފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ބުރުގެ ވޯޓާސް ލިސްޓާ ގުޅޭގޮތުން އަޒީފާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭޕްރީލް 18 ގެ ނިޔަލަށް ވޯޓުލުމުގެ ހައްޤު ލިބޭ މީހުންގެ މަޢުލޫމާތު މިހާރު ވަނީ ޢާންމުކޮށްފައެވެ. އެގޮތުން، އަލަށް 18 އަހަރު ފުރުމުގެ ސަބަބުން މި ފަސް ދާއިރާއަށް އިތުރު 7 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ.
މި ފަރާތްތައް މިހާރު ރަޖިސްޓްރީ ކުރެވިފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށުގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އަލަށް އިތުރުވި ފަރާތްތަކުގެ ލިސްޓު ޢާންމުކޮށްފައެވެ.





