ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މިއަދު ވިދާޅުވީ، ޚިދުމަތް ހޯދުމަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 58،000 ކޯލް ލިބެމުންދާ ކަމަށާއި، މިއީ މި ޚިދުމަތަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ސަރުކާރުން މި ޚިދުމަތް ފެށީ އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހަފުތާއެއްގެ މުއްދަތަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމަކާ އެކުގައެވެ. ޚިދުމަތަށް އޮތް ޑިމާންޑް އާދަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުން ހޮޓްލައިން ނަމްބަރަށް ދިމާވާ ބާރުބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ވަރަށް ބާރުސްޕީޑުގައި ކުރަމުންނެވެ.
އެމްޑީ ސައުދީ ވިދާޅުވީ، ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޯލް ސެންޓަރުގެ އޮޕަރޭޝަން ފުޅާކުރުމާއި، ޓެކްސީ އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިރޭ ހިލޭ ދަތުރުކުރުމުގެ ސުންގަޑި ހަމަވާއިރު، އެޕްލިކޭޝަންގެ ޓެސްޓިން ފޭސްއެއް ލޯންޗުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން،" ސައުދީ ވިދާޅުވިއެވެ.
އެޕްލިކޭޝަންގެ މަސައްކަތާ ގުޅޭގޮތުން ފެތުރިފައިވާ އަޑުތަކަށް ރައްދު ދެއްވަމުން ސައުދީ ވިދާޅުވީ، އެޕްލިކޭޝަން ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ދެފުށް ފެންނަ ގޮތެއްގައި ކަމަށާއި، މި މަޝްރޫޢަކީ ދައުލަތަށް އެންމެ ޚަރަދު ކުޑަވާނެ ގޮތަށް ބަލައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ފެށި މި މަޝްރޫޢުގެ ދަށުން، ޚިދުމަތް އިތުރަށް ފުޅާވެގެންދާއިރު، މާލެ ސަރަޙައްދުގެ ޓެކްސީގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.





