އެއް މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އަންނަ ހަފުތާގައި އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި ދައުރުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާރިޗު މަހުގެ 8 ވަނަ ދުވަހުއެވެ. މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހުނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެންނެވެ.
މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.
އަންނަ ހަފުތާގައި ޖަލްސާތައް ފެށުމަށް ތާވަލުކުރި ނަމަވެސް، އެ ޖަލްސާގައި ކުރިއަށްގެންދާނެ މަސައްކަތްތަކުގެ ތަފުސީލެއް މަޖިލީހުން އަދި ހާމައެއް ނުކުރެއެވެ.
އާންމު އުސޫލުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދަނީ އަހަރަކު ތިން ދައުރަކަށް ބަހާލައިގެންނެވެ.
އެގޮތުން ހިނގަމުންދާ ފުރަތަމަ ދައުރު މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި މުއްދަތު އިތުރުކުރެވޭނީ މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު 15 އަށް ކުރިއަށްދާއިރު، ތިންވަނަ ދައުރު ކުރިއަށްދާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.





