ހޯމުޒް ކަނޑުއޮޅި އަލުން ހުޅުވާނީ ހަނގުރާމައިގެ ބަދަލު ދިނުމުން ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ ރައީސްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ދާއިރާގެ ނައިބު ސައްޔިދު މެހްދީ ތަބާތަބާއީ ހާމަކުރެއްވި ގޮތުގައި، ހޯމުޒް ކަނޑުއޮޅި އީރާނުން އަލުން ހުޅުވާނީ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ލިބުމުންނެވެ.
މި ބަދަލު ހޯދުމަށް ނިންމާފައިވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ނަގާ ޓްރާންސިޓް ފީގެ މައްޗަށް ބިނާވެފައިވާ "އައު ގާނޫނީ އޮނިގަނޑެއްގެ" ދަށުންނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ތަބާތަބާއީ ވިދާޅުވީ، ކަނޑުއޮޅި ބަންދުކޮށްފިނަމަ އީރާނުގެ މަދަނީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަކީ އޭނާގެ ނުކުޅެދުންތެރިކަމާއި އިންތިހާ ދަރަޖައިގެ ރުޅިވެރިކަމުގެ ސަބަބުން ދެއްކެވި އަސާސެއް ނެތް، ބޭކާރު ވާހަކަތަކެއް ކަމަށެވެ.
އިރާނުން ވަނީ އެގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީފި ނަމަ ރައްދުގައި އެއަށްވުރެ ވަރުގަދަ ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައެވެ. މީގެ ކުރިންވެސް އިރާނުން ވަނީ ވަރުގަދަ ރައްދު ހަމަލާތައް އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ އަރަބި ގައުމުތަކަށް ދީފައެވެވެ.





