މި ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވާރޭވެހުނު ނަމަވެސް، މި އެޕްރީލް މަހަކީ އާދަޔާ ހިލަފަށް ހޫނުގަދަ މަހަކަށް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ކުރާނެއެވެ. ނަމަވެސް އުތުރުގެ ރަށްތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ބެލެވެއެވެ. ވައި ޖެހޭނީ އުތުރާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ މަޑު މިނެއްގައެވެ.
ކުޑަދުވަސްކޮޅަކަށް ވާރޭވެހުނު ނަމަވެސް، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނަށް މާ ބޮޑު ލުޔެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އިއްޔެ މެންދުރު މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.3 ޑިގްރީ ސެލްސިއަސްގައެވެ.
އާންމުކޮށްވެސް އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. ތާރީޚީ ގޮތުން ބަލާއިރު، އެންމެ މައްޗަށް ހޫނުމިން ރެކޯޑު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް 1 ވަނަ ދުވަހުއެވެ. އެ ދުވަހު މާލޭގެ ހޫނުމިން އިހުސާސް ކުރެވޭ މިންވަރު ވަނީ 48 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.
މިހާރު މި ހިނގަނީ އިރުވައި މޫސުމުގެ ފަހު ދުވަސްތަކެވެ. މެޓް އޮފީހުން ބުނާ ގޮތުގައި މި މަހުގެ ތެރޭގައި ހުޅަނގު މޫސުން ފެށޭނެއެވެ. ނަމަވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ގަދައަށް ވިއްސާރަ ކުރަން ފަށާނީ އަންނަ މެއި މަހުން ފެށިގެންނެވެ. އެހާތަނަށް ރާއްޖޭގެ ގިނަ ހިސާބުތަކުގައި ހޫނުމިން މަތީގައި ހުންނާނެ ކަމަށް ބެލެވެއެވެ.





