ނިމިދިޔަ އިންތިޚާބުގައި ގޮނޑި ކާމިޔާބު ނުކުރެވުނު ނަމަވެސް، ރައްޔިތުންގެ ފަރާތުން ލިބުނު އިތުބާރާއި ލޯތްބަކީ ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ކުރިއަރަމުން އަންނަ ސިޔާސީ ޝަހުސިއްޔަތު، ޕީއެންސީގެ އާއިޝަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި އަސަރުގަދަ ޕޯސްޓެއްގައި އަލައިކާ ވިދާޅުވީ، އޭނާ މި ދަތުރު ނިންމާލަނީ އުންމީދު ކުރި ގޮނޑިއާ އެކު ނޫން ކަމަށްވިޔަސް، ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބުމަކީ އެންމެ މަތީ ދަރަޖައިގެ ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ނުހަނު އުފާވެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލައިކާ ފާހަގަކުރެއްވި ގޮތުގައި އޭނާގެ މި ސިޔާސީ ދަތުރަކީ ހަމައެކަނި މަގާމެއް ހޯދުމަށް ކުރި މަސައްކަތެއް ނޫނެވެ. މިއީ އާއިލާތަކުގެ ހައްގުގައާއި، ހަމަހަމަ ފުރުސަތުތަކާއި، އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ކުރިއަށްގެންދިޔަ މުހިއްމު މަސައްކަތެކެވެ.
"މިއީ އިގްތިސާދީ ބާރުވެރިކަމާއި މާލީ މިނިވަންކަން ހޯދައިދިނުމަށް ކުރި މަސައްކަތެއް. އެއީ މީހަކު ދޭންޖެހޭ އިނާޔަތެއް ނޫން، އެއީ އަޅުގަނޑުމެން އެންމެންގެ އުފަންދަނިވި ހައްގެއް،" އަލައިކާ ވިދާޅުވިއެވެ.
ސިޔާސީ މައިދާނުގައި ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، ބައެއް ފަހަރު މާޔޫސްކަމާއި ބަދުނާމުކުރުން ފަދަ ހިތްދަތި ކަންކަމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް ކޮންމެ އިމްތިހާނެއްގައި ވެސް ސާބިތުވެ ހުންނެވީ އޭނާ ގަބޫލުކުރާ އުސޫލުތަކާއި ހިފަހައްޓާ އަގުތަކުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.
އަލައިކާގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވީ މިއީ ދަތުރުގެ ނިމުން ނޫން ކަމަށާއި، މިއީ އާ ހިތްވަރަކާއި ވަރުގަދަ އަޒުމަކާއެކު ކުރިއަށް ދިއުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.





