ލުބުނާނާއި ސޫރިޔާ ގުޅޭ ބޯޑަރު ހުރަސްކުރުމަށް ބޭނުންކުރާ "މަސްނާ" ސަރަހައްދު ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އިންޒާރު ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިސްރާއީލު ސިފައިންގެ ތަރުޖަމާނު އަވިޗޭ އަދުރައީ އެވެ.
އަދުރައީ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ސަރަހައްދަށް ވައިގެ މަގުން ހަމަލާދިނުމަށް އިސްރާއީލު އަސްކަރިއްޔާއިން ގަސްތުކުރާ ކަމަށެވެ.
އޭނާ ތުހުމަތުކުރި ގޮތުގައި ހިޒްބުއްލާ އިން އެ ސަރަހައްދު ބޭނުންކުރަނީ އަސްކަރީ ބޭނުންތަކަށާއި ހަތިޔާރު އުފުލުމަށެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އިސްރާއީލުން ހުށަހަޅާފައެއް ނުވެއެވެ.
މި ބޯޑަރު ހުރަސްކުރާ ސަރަހައްދަކީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ލުބުނާނުގެ އެތައް ހާސް އާންމުން، ރައްކާތެރިކަން ހޯދުމަށް ސޫރިޔާއަށް ދިއުމަށް ބޭނުންކުރަމުންދާ މައިގަނޑު މަގެކެވެ.
އަދުރައީ އިތުރަށް ބުނެފައިވަނީ އެ ސަރަހައްދުގައި ތިބި މީހުންނާއި، އެމް30 (M30) ހައިވޭއިން ދަތުރުކުރާ މީހުން ވަގުތުން އެ ސަރަހައްދު ދޫކޮށް ދާންޖެހޭނެ ކަމަށެވެ. ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން، އާންމުން ބޭނުންކުރާ މިފަދަ ވަސީލަތްތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެކެވެ.





