ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
މަޝްރޫޢުގެ ކޮންޓްރެކްޓަރ، އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ފޭސް 1ގެ ސައިޓުގައި މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 364 ހައުސިންގ ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބާއި އަމީން ކޮންސްޓްރަކްޝަން ކޮމެޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންނާއި ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރީންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މިރޭ ފެށި މި މަޝްރޫޢާއެކު، މި މަސައްކަތުގެ ތެރޭގައި ހިމެނިގެން ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3260 ޔުނިޓްގެ ބިންގާ މިހާރު ވަނީ އަޅާފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ރޭ ވަނީ، މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި މިކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން އިއުލާންކުރައްވާފައެވެ. މިއާއެކު ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމުލަ 3800 ހައުސިންގ ޔުނިޓް ތަރައްޤީކުރާނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.




