'ބިންވެރިޔާ' ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށް ފަހު މި ސަރުކާރުން އަޅަން މަސައްކަތްކުރާ ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަމުގެ ސިޔާސަތަށް މިހާތަނަށް ގެނެސްފައިވާ ބަދަލުތަކަކީ ރައްޔިތުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ލިބިފައިވާ ޚިޔާލުތަކާއި އެދުންތަކަށް ރިޢާޔަތްކޮށް ގެނެސްފައިވާ ބަދަލުތަކެކެވެ. މިގޮތުން މިހާރު އިޢުލާންކުރައްވާފައިވާ ފުރުޞަތަކީވެސް ރައްޔިތުންގެ އެދުމުގެ މަތިން ހަމަޖައްސަވައިދެއްވި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި މާލީ ގޮތުން ދަތި އާއިލާތައް ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ. އަދި ހިއްކައިގެން ތަރައްޤީކުރާ ސަރަޙައްދުތަކުގައި ގެދޮރު ބިނާކުރުމަށް ދިގު މުއްދަތެއް ހޭދަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މާލެ ސަރަޙައްދުން ފްލެޓް ހޯދުމަށް ހުޅުވާލާ މި ފުރުޞަތަކީ، އަމިއްލައަށް ގެދޮރު ބިނާކުރުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ އެކި ސްކީމްތަކުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށްވެސް، އެ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ކުރިމަތިލުމުގެ އިޚުތިޔާރު އޮންނާނެކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
"އިމާރާތްކުރުމަކީ ބޮޑު ހަރަދަކާއި ދިގު މުއްދަތެއް ހޭދަވާ ކަމެއް. އެހެންކަމުން، ގޯތީގެ ބަދަލުގައި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތަށް ރައްޔިތުން އެދެމުންދާތީ، ސަރުކާރުން މިހާރު އެ ފުރުސަތު ފަހިކޮށްދެނީ. މިކަމަށްޓަކައި ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. ކުރިއަށް އޮތް 2 ނުވަތަ 3 ހަފުތާގެ ތެރޭގައި މި ފުރުސަތު ރަސްމީކޮށް ހުޅުވާލެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ފްލެޓް ދޫކުރުމުގައި ޢަމަލުކުރާނީ، ކުރިން ލިބިފައިވާ ބިން ސަރުކާރަށް ދޫކޮށްލާ އުސޫލުންނެވެ. މީގެ އިތުރުން، ގުޅިގެން (ޖޮއިންޓްކޮށް) ގޯތި ލިބިފައިވާ ފަރާތްތަކުން، ހުރިހާ ބައިވެރިން އެއްބަސްވާނަމަ ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ފްލެޓަށް ހުށަހެޅުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށާއި، މިގޮތަށް ވަކިވާ ފަރާތްތަކަށްވެސް ފްލެޓަށް ކުރިމަތިލެވޭނެ ކަމަށް ރައީސް ބަޔާންކުރެއްވިއެވެ.





