ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ހަމަހަމަކަން ނުވަތަ "އީކުއަލް ރިޕްރެޒެންޓޭޝަން" ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަކީ އިންސާފުވެރި އަދި މިނިވަން އިންތިހާބަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. މިހާރު އޮންނަ އުސޫލުން ރިޔާސީ އިންތިހާބަށްފަހު މަޖިލިސް އިންތިހާބާ ދެމެދު ހަ މަސްދުވަސް ހޭދަވުމަކީ، އަލަށް އިންތިހާބުވާ ސަރުކާރަށް ހިދުމަތް ކުރުމުގައި މަޖިލިސް ތެރެއިން ހުރަސްތަކެއް ކުރިމަތިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިންތިހާބީ ތާރީހަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި މައި ދެ ޕާޓީއަށް ލިބޭ ވޯޓުގެ އިންސައްތަ ހުންނަނީ ވަރަށް ގާތްކޮށް ކަމަށެވެ. ނަމަވެސް، ވަކިން ބާއްވާ މަޖިލިސް އިންތިހާބުތަކުގައި ވެރިކަން ކުރާ ޕާޓީއަށް "ސުޕަ މެޖޯރިޓީ" ލިބުމުގެ ސަގާފަތެއް އޮންނަ ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިފި ނަމަ މަޖިލިހުގެ ގޮނޑިތައް ޕާޓީތަކުގެ މެދުގައި ހަމަހަމަކޮށް ބެހިގެންދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އަންނަ ހޮނިހިރު ދުވަހު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އިދިކޮޅު ފަރާތްތަކުން މިކަމާ މެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ރައީސް ވިދާޅުވީ މިއީ ގައުމުގެ މަސްލަހަތަށްޓަކައި ގެންނަންޖެހޭ މުހިންމު އިސްލާހެއް ކަމަށެވެ.





