ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިތުބާރު ގެއްލޭ ހާލަތުގައި މަގާމުން ވަކިކުރެވޭ ގޮތަށް ރިކޯލް ވޯޓެއް ނެގޭ ގޮތް ހަދަން ގާނޫނު އިސްލާހުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ޔޫތް ހަބްގައި ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެމަނިކުފާނު ހުށަހަޅުއްވާ އިސްލާހީ އެޖެންޑާގެ ތެރޭގައި މަޖިލީސް މެންބަރުންނާއި، ކައުންސިލް މެންބަރުންގެ ދައުރުގެ ތެރޭގައި ރީކޯލް ވޯޓު ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވަން ބޭނުންފުޅުވާ ކަމަށެވެ.
"މާނައަކީ ކޮބާ، މަޖިލީސް މެންބަރުން ނުވަތަ ކައުންސިލަރުންގެ ޕާފޯމެންސް ދަށްވީ ނޫނިއްޔާ ގާނޫނުގައި އޮންނަ ކަންކަން އެ ބޭފުޅުންގެ ކިބައިން ދިޔައީ، ދާ ހިސާބުން ރައްޔިތުންނަށް ފުރުސަތު ލިބޭނެ އެ ކަނޑައެޅިފައި އޮންނަ ގޮތަކަށް ވަކި އަދަދަކަށް ޕެޓިޝަން ހުށަހަޅައިގެން، މަޖިލީސް ތެރޭގައި ވަކި އިންސައްތަ އެއްގެ ވޯޓު ހަމަކޮށްގެން…، އެ މީހާ މަގާމުން ދުރު ކުރެވޭނެ، މަޖިލީސް މެންބަރުންވެސް ކައުންސިލް މެންބަރުންވެސް. އެހެންވީމަ ކޮންމެހެން ދައުރު މެދުތެރޭގައި ނުޖެހޭނެ އެއްނު މަޖިލިސް އިންތިޚާބު ބާއްވާކަށް؟،". ރައީސް ޑރ. މުއިއްޒު
އެހެންކަމުން ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް، މެމްބަރުންނާއި ކައުންސިލަރުންގެ ދައުރު ތެރޭޭގައި، އެ އެކުލަވާލެވޭ ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތެއް ނޫނީ ކަމެއް މެންބަރުގެ ކިބައިން އުނިވެއްޖެނަމަ، އޭނާ އެ ގޮނޑިން ބޭރު ކުރަން ރައްޔިތުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅާ ކަންކަމާއެކުގައި، ސަރުކާރާއި، ކައުންސިލާއި މަޖިލިސްވެސް ހިނގާނީ ވަރަށް ހަރުދަނާ ކަމާއެކީގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުނާއެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންތިޚާބުތައްވެސް ބޭއްވޭނީ ހަގީގީ މާނާގައި ”ފްރީ އެންޑް ފެއާ“ ކޮށް ކަމަށް ވިދާޅުވިއެވެ.





